ކާނާގެ ޔަޤީންކަމުގެ ޕްރޮގްރާމް 2017

"ކާނާގެ ޔަޤީންކަން ހޯދައިދިނުން" މި ސިޔާސަތުގެ މައްޗަށް ރިޢާޔަތްކޮށް، މިމިނިސްޓްރީއިން ކުރިއަށްގެންދާ ޞިއްޙަތައް ފައިދާހުރި ކާނާގެ ބާވަތްތައް އުފެއްދުމުގެ ޕްރޮގްރާމްގެ ދަށުން، މިއަހަރުތެރޭ ގަސްހަދިޔާކުރުމަށްހަމަޖެހިފައިވާ ރަށްތަކުގެ ތެރެއިން ހދ. ކުރިނބީގައި އޮކްޓޫބަރު 16 ވަނަ ދުވަހު މި ޕްރޮގްރާމް ފެށިއްޖެއެވެ.

މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހެދޭ އަދި ޒަމާނުއްސުރެއް ކެއުމަށް ބޭނުންކުރާ ކާނާގެ ބާވަތްތައް އާލާކުރުމާއި، ކާނާގެ ދަތިކަމުގެ ހާލަތެއް ދިމާވެއްޖެނަމަ، ދުޅަހެޔޮ ޞިއްހަތެއްގައި ދެމިތިބުމަށް ބޭނުންވާ ކާނާގެ ބާވަތްތައް ފަސޭހަކަމާއި އެކު ރަށުން ލިބޭނެ މަގު ތަނަވަސް ކޮށްދިނުމުގެ މަޤްސަދުގައި 2015 ވަނަ އަހަރުންފެށިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މީގެ އިތުރުން މިއީ ދެމެހެއްޓެނިވި ތަރައްޤީގެ 2 ވަނަ ލަނޑުދަނޑިތެރޭގައި ހިމެނޭ ބަނޑުހައި ހޫނުކަންނައްތާލުމާއި، ކާނާގެ ޔަޤީންކަން ކަށަވަރުކުރުމާއި، ނިއުޓްރިޝަން ހާލަތު ރަގަޅުކުރުމަށް މަގުފަހިކޮށްދޭނެ މުހިއްމު ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ދަށުން ޚާއްސަ ސަމާލުކަމެއްދީގެން ގޭބިސީތަކަށް ބަހާ ގަސްތަކުގެ ތެރޭގައި ހިމެނޭނީ ބަނބުކެޔޮ، މުރަނގަ، ދަނޑިއަލުވި، އަލަ، އަދި ފަތްކެތޮ ކަހަލަ ބާވަތްތަކެވެ. މީގެ ތެރެއިން ބައެއް ބާވަތްތަކަކީ އިތުރު ސަމާލުކަމެއް ނުދެވިއްޖެނަމަ، ރާއްޖޭގެ މާހައުލުން އަދި ކާނާގެ ތެރެއިންވެސް ނެތިގެން ހިނގައިދާނެ ބާވަތްތަކެކެވެ.

މި ޕްރޮގްރާމްގެ ދަށުން މިއަހަރުތެރޭ 5 ރަށެއްގެ 279 ގޭބިސީގަޔާއި، 3 ރަށެއްގެ ހުސްބިމުގައި އިންދުމަށްޓަކައި ޖުމްލަ 3672 ގަސް ހަދިޔާކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި ޕްރޮގްރާމްގެދަށުން ހަދިޔާކުރެވުނު ގަސްތައް އިންދާ ބަލަހައްޓާނެގޮތް ދަސްކޮށްދިނުމަށާއި، އެ ބާވަތްތަކުން ލިއްބައިދޭ ސިއްޙީ ފައިދާ އާއި ބެހޭ މައުލޫމާތު ހިމެނޭގޮތަށް މި ރަށްތަކުގައި ޓްރެއިނިންގ

ސެޝަންތަކެއްވެސް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

އިޢުލާން  ޑައުންލޯޑް 

Plant distribution at kurinbee

ފުޑް ސެކިއުރިޓީ އަދި ނިއުޓްރިޝަން އާއިގުޅޭ ތަފާސްހިސާބު ތަމްރީން ޕްރޮގްރާމް ހިންގައިފި

AGRI workshop

 

 

 

ދުނިޔޭގެ ކާނާއާޢި ދަނޑުވެރިކަމާއި ބެހޭ ޖަމިއްޔާ (އެފް.އޭ.އޯ) އިން ރާއްޖޭގައި ކުރިޔަށް ގެންދާ  ގްލޯބަލް ސްޓްރެޓެޖީ ފޮރ އިމްޕްރޫވިންގް އެގްރިކަލްޗަރ އެންޑް ރޫރަލް ސްޓެޓިސްޓިކްސް ޕްރޮޖެކްޓްގެ ދަށުން ފުޑް ސެކިއުރިޓީ އަދި ނިއުޓްރިޝަން އާއިގުޅޭ ތަފާސްހިސާބު ކުރިއެރުވުމަށްޓަކައި ސަޕްލައި ޔޫޓިލައިޒޭޝަން އެކައުންޓް އަދި ފުޑް ބެލެންސްޑް ޝީޓް ތައްޔާރުކުރާނެ ގޮތުގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށްޓަކައި ޤައުމީ ފެންވަރުގެ ތަމްރީން ޕްރޮގްރާމެއް ވަނީ ހިންގިފައެވެ. މިއީ އެފް.އޭ.އޯއާއި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަދި ނެޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސްއާއި ގުޅިގެން ހިންގުނު ތަމްރީން ޕްރޮގްރާމެކެވެ. ސަޕްލައި ޔުޓިލައިޒޭޝަން އަދި ފުޑް ބެލެންސް ޝީޓަކީ އެކި މުއްސަސާތަކުން ލިބެންހުންނަ ތަފާސް ހިސާބުގެ އަލީގައި ޤާއުމުގެ ކާނާއާއި ނިއުޓްރިޝަން ހާލަތު ދެނެގަތުމަށާއި، ދެމެހެއްޓެނިވި ތަރައްޤީގެ 2 ވަނަ ލަނޑުދަނޑިކަމުގައިވާ "ބަނޑުހައި ހޫނުކަންނައްތާލުމާއި، ކާނާގެ ޔަޤީންކަން ކަށަވަރުކުރުމާއި، ނިއުޓްރިޝަން ހާލަތު ރަގަޅުކޮށް އަދި ސަސްޓެއިނަބަލް އެގްރިކަލްޗަރ ޕްރޮމޯޓްކުރުން" މޮނިޓަރކުރުމަށް ބޭނުންކުރެވިދާނެ މުހިއްމު ވަސީލަތެކެވެ. ފުޑް ބެލެންސް ޝީޓުން އެއްކުރެވޭ މައުލޫމާތުގެ އަލީގައި ރައްޔިތުންނަށް ކާނާގެ ޔަޤީންކަން ހޯދައިދިނުމަށްޓަކައި، ޤައުމީ ފެންވަރުގައި ސިޔާސަތުތައް ކަނޑައެޅުމަށް މަގުފަހިވެގެންދާނެއެވެ.  

 

މިމަހުގެ 10 އިން 14 އަށް މާލޭގައި އުނިމާ ގްރޭންޑް ހޮޓެލްގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްގެންދެވުނު މި ތަމްރީން ޕްރޮގްރާމްގައި ކާނާއާއި ގުޅުންހުރި ތަފާސް ހިސާބް ބަލަހައްޓާ 7 މުއައްސަސާއަކުން ޖުމްލަ 16 ބައިވެރިން ވަނީ މި ޕްރޮގާމް ފުރިހަމަކޮށްފައެވެ. މި ވޯކްޝޮޕްގައި މައުލޫމާތުދެއްވަފައިވަނީ އެފް.އޭ.އޯގެ ތަފާސް ހިސާބާއި ބެހޭ ތަޖުރިބާކާރު 2 ބޭފުޅުންނެވެ. މި ތަމްރީން ޕްރޮގްރާމްގެ ބައިވެރިންވަނީ، ލިބެންހުރި ތަފާސް ހިސާބުގެ އަލީގައި ވަގުތީ ފުޑް ބެލެންސް ޝީޓެއް ތައްތާރުކުރުމަށް ބޭނުންވާނެ ގިނަ އެކްސަސައިޒްތަކެއް ފުރިހަމަކޮށްފައެވެ.

ޢިޢުލާން   ޑައުންލޯޑް 

ތ. ވިލުފުށިގައި ހިންގުނު ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމް

ތ. ވިލުފުށީގެ  ގޯތިތެރޭގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށާއި ދަނޑުވެރިކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން އެރަށުގައި ހިންގުނު ގޯތި ތެރޭގައި ގަސްހެއްދުމާއި ހައިޑްރޮޕޯނިކްސް ތަމްރީނު ޕްރޮގްރާމް ނިމިއްޖެއެވެ. ޖުމްލަ 10ދުވަހުގެ މުއްދަތަށް ހިންގުނު މިޕްރޮގްރާމް ކުރިއަށް ގެންދެވިފައިވަނީ 24 އޭޕްރީލް އިން 3 މެއި 2017 ނިއަލަށެވެ. މިތަމްރީން ޕްރޮގްރާމްގައި ވިލުފުށިން 27 ބޭފުޅުން ބައިވެރިވެ ޕްރޮގްރާމް ފުރިހަކޮށްފައިވެއެވެ.

 

މިތަމްރީން ޕްރޮގްރާމްގައި ގޯތިތެރޭގައި އޮންނަ ހުސްބިމުގައި ތަފާތުވައްތަރުގެ ތަރުކާރީއާއި މޭވާހައްދާނެގޮތާއި އެހެނިހެން ގަސްގަހާގެހި ހައްދާ ބެލެހެއްޓުމާއި ގުޅޭ މައުލޫމާތު ދެވުނެވެ.  މިޕްރޮގްރާމްގެ ތެރެއިން ބައިވެރިންގެ ގޭގެޔަށް ޒިޔާރަތްކޮށް ގޯތިތެރޭގައި ހައްދާފައިވާ ގަސްތަކަށް ދިމާވެފައިވާ މައްސަލަތައް ދެނެގަތުމާއި، ބޭނުންކުރާ ގަސްކާނާ އާއި ގަހަށްޖަހާބޭސް ރަނގަޅުގޮތުގައި ބޭނުންކުރާނޭގޮތާއި، ގޯތިތެރެއިން އުކާލެވޭ ފީވެހަލާކުވާ ޒާތުގެ ތަކެތި ބޭނުންކޮށްގެން ކޮމްޕޯސްޓް ތައްޔާރުކުރާނެގޮތް ދަސްކޮށްދީ ބައިވެރިންވަނީ އަމަލީގޮތުން އެކަންތައްތައް ތަޖުރިބާކޮށްފައެވެ. މީގެ އިތުރުން ދިރޭސޫފާސޫފީގެ ސަބަބުންނާއި ޖަރާސީމްގެ ސަބަބުން ގަސްތަކަށް ޖެހޭ ބަލިތައް ދެނެގަންނާނޭގޮތާއި އެބަލިތައް ކޮންޓްރޯލް ކުރުމަށް ކުރެވިދާނެ ތިމާވެއްޓާއި ރައްޓެހި ގޮތްތައް ކިޔާދެވިފައިވާނެއެވެ. އަދި ހައިޑްރޮޕޯނިސްގެ ތަފާތު ނިޒާމުތަކާއި، އެނިޒާމުތަކުގައި ލެޓިއުސް ކިއުކަންބާ، މެލަން ހައްދާނެ ގޮތުގެ މައުލޫމާތު ޕްރޮގްރާމްގެ ބައިވެރިންނަށް ފޯރުކޮށްދެވުނެވެ.

 

އޮށް އިންދައިގެން ގަސް އުފެއްދުމުގެ އިތުރުން ގަސްއުފައްދާ ގިނަ ކުރެވިދާނެ ތަފާތު އެހެން އުކުޅުތަށް، ޚާއްޞަކޮށް ގަހުގެ ބައިތައް ބޭނުންކޮށްގެން ގަސްއުފައްދާ ގިނަކުރާނޭގޮތް (ވެޖިޓޭޓިވް ޕްރޮޕަރގޭޝަން) ގެ ތަފާތު ވައްތަރުތައް ކަމުގައިވާ ގްރާފްޓިން، ކަޓިންސް، އަދި ލޭއަރިންގ ފަދަ މައުލޫމާތުތައް ބައިވެރިންނާ ޙިއްޞާކޮށް މިމަސައްކަތްތައް ބައިވެރިންވަނީ އަމަލީގޮތުން ތަޖުރިބާކޮށްފައެވެ.

 

Thaa

ދަނޑުވެރިންގެ ދުވަހުގެ ޙާއްސަ ސަޕްލިމަންޓް 2017

މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީގެ ދަނޑުވެރިންގެ ދުވަހު  ފޮނުއްވިި ޚިޠާބު

 

 ޑައުންލޯޑް

 

 Minister


 

 

 

އިންޑިއަން އޯޝަން ކޯސްޓަލް ސްޓޭޓްސް މީޓިންގ އޮން އެލޮކޭޝަން ޕްރިންސިޕަލްސް، 14 އިން 15 އޭޕްރީލް 2017، ޖެން ހޮޓެލް

IOCS

 

އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ޤައުމުތަކަށް އަމާޒުކުރެވިގެން ދިވެހިރާއްޖޭގައި ފެށިގެން މިދާ ބައްދަލުވުމަކީ ދިވެހިރާއްޖެއިން އިސް ނަގައިގެން އިންޑިއާ ކަނޑުގެ ކަނޑުމަހުގެ މަސްވެރިކަން ރާވާ، ހިންގާ ބެލެހެއްޓުމާއިގުޅޭ ގޮތުން ބާއްވާ ބައްދަލުވުމެކެވެ. މިބައްދަލުވުމުގެ މަޤުޞަދަކީ، އިންޑިއާ ކަނޑުގައި މަސްވެރިކަންކުރާ ގައުމުތަކުން މަސް ބާނާނެ މިންވަރު ކަނޑައެޅުމުގައި ނުވަތަ މަހުގެ ކޯޓާ ބެހުމުގައި އަމަލުކުރާ މައިގަނޑު އުޞޫލުތަކާއި ހަމަތައް ކަނޑައެޅުމަށް އެކުލަވާލާ ކަރުދާހަކާއި ގުޅޭ ގޮތުން މަޝްވަރާކޮށް އެކަރުދާހަށް ތާޢީދު ހޯދުމެވެ. މިކަރުދާހަކީ އިންޑޮނޭޝިއާގައި މިއަހަރުގެ މެއި މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ އަހަރީ ބައްދަލުވުމުގައި ޤަރާރެއްގެ ގޮތުގައި ފާސްކުރުމަށް ދިވެހިރާއްޖެއިން އިސް ނަގައިގެން ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަރުދާހެކެވެ.

އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރާ ގައުމުތަކުގެ މެދުގައި ކޯޓާ ބެހުމުގެ މަސައްކަތަކީ މިހާރުވެސް ކޮމިޝަންގެ ފަރާތުން ފަށާފައިވާ މަސައްކަތެކެވެ. އެހެންނަމަވެސް މިމަސައްކަތް އެކަށިގެންވާ ހަލުއި މިނެއްގައި ކުރިއަށް ގޮސްފައި ނުވާ މައިގަނޑު އެއް ސަބަބަކީ ކޯޓާ ބެހުމުގައި އަމަލުކުރާނެ މައިގަނޑު އަސާސްތަކެއް ގައުމުތަކުގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައި ނުވުމެވެ. ދިވެހިރާއްޖެއިން އައި.އޯ.ޓީ.ސީ އަށް ހުށަހަޅާ ޤަރާރުގައި ކުދި ޖަޒީރާ ގައުމުތަކުގެ އަދި ތަރައްޤީ ވަމުން އަންނަ ގައުމުތަކުގެ މަސްވެރިކަން ހިމާޔަތްކުރުމަށާއި އަދި އެފަދަ ގައުމުތަކުގެ މަސްވެރިކަމުގެ ސިނާޢަތަށް ވީހާވެސް ލޮޅުން ކުޑަވާނެ ފަދަ ގޮތަކަށް ކޯޓާ ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަތަކެއް ކަނޑައެޅިފައިވާނެއެވެ. އަދި މިކަމުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކުގެ އަދި ކުރިއަރަމުން އަންނަ ގައުމުތަކުގެ މަސްވެރިކަން އިތުރަށް ފުޅާކޮށް، ތަރައްޤީ ވެފައިވާ ގައުމުތަކުން އިންޑިއާ ކަނޑުގައި ދާ ޖަހައިގެން ކުރާ މަސްވެރިކަން މަދުކުރުމަށް މަގުފަހިވެގެން ދާނެއެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ  މިބައްދަލުވުމުގައި އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރަމުންގެންދާ އައްސޭރިފަށުގެ ގައުމުތަކުގެ ތެރެއިން 18 ގައުމަކުން ބައިވެރިވެއެވެ. މިބައްދަލުވުން އިންތިޒާމުކުރެވިފައި މިވަނީ ވޯލްޑް ބޭންކާއި ބައިނަލްއަޤްވާމީ ހިލޭ ސާބަހަށް މަސައްކަތްކުރާ އަދި ދޮށީގެ މަސްވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާ އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން އެސޯސިއޭޝަން އާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ފަރާތުންނެވެ.

ޙަބަރު  ޑައުންލޯޑް